
2008 ވަނަ އަހަރުގެ ފަހުންނޭ ބުނުމުން ހީވެދާނެ އެއްކަމެއް އޮވެދާނެއެވެ. ރާއްޖޭގައި ވެރިކަމުގެ ނިޒާމަށް އައި ބަދަލުގެ ސަބަބުން މެދުވެރިވި ކަމެއްކަމަށް ދެކިދާނެތީއެވެ. އެއީ އަދި މުޅިން އެހެން ސަބަބެކެވެ. ރާއްޖޭގެ ދަރަޖަ މައްޗަށް ޖެހިލި ޖެހުމެވެ. ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވެ ތަރައްޤީ ވަމުން އަންނަ ޤައުމެއްގެ ގޮތުގައި ބަދަލުވުމެވެ. ހަމަ މިއާއި އެކު އަލަށް ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީގައި ބަޔާންވެގެންވި ބައެއް ކަންކަމާއި ގުޅިގެނ ވެސް ކަންތައް ތަކެއް ބަދަލުވެގެން ދިޔަތަން ފެނުނެވެ. މިގޮތުން 2011 ވަނަ އަހަރު ގެނެވުނު ހެލްތް ސާވިސަސް ކޯޕަރޭޝަންތައް ހިމެނެއެވެ. ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުން ގެންދިއަ މަރުކަޒުތަކަށް، އިދާރީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ގެނެވުނު ބަދަލުތަކެވެ.
ޒަމާނީ ހިންގުމުގެ އޮނިގަނޑެއްނެތި މަރުކަޒުތައް ހިނގަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ޕްރައަރީ ހެލްތް ކެއަރ ނުވަތަ އިބްތިދާޢީ ޞިއްޙީ ޚިދުމަތުގެ ގޮތުގައި ފެށިގެން އައި ޚިދުމަތް ދިނުމުގައި އަންނަ ނުވަތަ ގެންނަ ބަދަލުތައް އަންނަނީ ނުވަތަ ގެންނަނީ ދިރާސާކޮށް ހޯދޭ ޢިލްމީ ނަތިޖާއާއަށްވުރެ ވަކިވަކި ފަރުދުންގެ ، ޚުދުމުޚުތާރު ނިންމުންތަކާއި، ބާރުވެރިކަމުގެ ތެރެއިން ކަމަށް ވަނީ ވެފައެވެ.
ޞިއްޙީ ޙިދުމަތާއި ގުޅިގެން އައިސްފައިވާ މައިގަނޑު ދެ ޤާނޫނުގައި ވާ އެތައް ކަމެއް އަދި އޮތީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ ފޮޅުވަތްތަކެއްގެ ގޮތުގައެވެ. ޤައުމީ ޞިއްޙީ ސިޔާސަތުތައް ލިޔެވިފައިވަނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ. ސިޔާސަތާއި ކަން ހިނގާގޮތާއި އުޑާއި ބިމާހާއި ތަފާތެވެ. ޞިއްޙީ ޚިދުމަތުގެ އަގު މިދަނީ އިންތިޚާއަށް އުފުލެމުންނެވެ. ކުލިނިކުތައް ވެސް މި ދަނީ އިތުރުވަމުންނެވެ. މަތީ ތަޢުލީމު ގެ ފުރުޞަތުތައް ތަނަވަސްވެ އެތައް ދޮރެއް ވަނީ ހުޅުވިފައެވެ. ނަމަވެސް ޖަވާބެއް ލިބެން ބޭނުންވާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ.
ފާއިތުވި ވިއްސަކަށް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހަކަށްވީތީ، ކަންހިނގަމުން ދާގޮތާއި މެދު ކޮންމެވެސ ވަރަކަށް ވިސްނަމެވެ. ވާނުވާއެއް ނޭގި އެތައް ކަމެއް ހިނގާގޮސްފައިވާ ފަދައިން އަދިވެސް ދަނީ ހިނގަމުން ފެންނަމުންނެވެ. އެނގޭހާވެސް އެއްޗަކީ އަދި މިދަނީ ރަނގަޅަކަށް ނޫންކަމެވެ. 180 ވުރެ ގިނަ މަރުކަޒު ހިމެނޭ މި ޞިއްޙީ ނިޒާމާއި މެދު ފުންކޮށް އަދި އިހުނަށްވުރެވެސް ބޮޑަށް މިވަނީ ވިސްނަންޖެހިފައެވެ.
ސިޔާސީ ގޮތުންނާއި، ފަންނީގޮތުން އަދި އިދާރީގޮތުން ކުރަންހުރި ކަންތައްތައް މިވަނީ ހޯދާބަލައި ދެނެގަންނަންޖެހިފައެވެ. ޚުދުމުޚްތާރު ނިންމުންތަކާއި، އަނދިރި ޢަމަލުތައް ހުއްޓާލައި، ރައްޔިތުންނަށް ހެޔޮގޮތުގައި ކަންކަން ފަހިވާފަދަ އަދުހުރި، ޢިލްމީ ހެއްކާއި ނަތީޖާގެ މައްޗަށް ބިނާވެގެންވާ ނިޒާމެއް ވުޖޫދު ކުރުމަށް ބުރަ މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. މިއަދާއި ހަމައަށް ނޭގި ތިބެ ހެދެމުން މިދާ ގޯސްތައް ގައުމުގެ އެއްކޮޅަކުން ފެށިގެން ރަމަތަކުރަން ފަށަންވެއްޖެއެވެ.
ރައްޔިތުންގެ ޓެކްސްފައިސާއާއި، ރައްޔިތުނަށް ލިބޭ ހަދިޔާ ތަކާއި، ރައްޔިތުންގެ ނަމުގައި ދަރަންޏަށް ނަގާފައިސާއިން، އަދި ނެގޭ ގޮތުގައި ހޭދަނުކޮށް، ޙައްޤާއި ހަމަހަމަކާއި އެކު ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް ބޭނުންކުރަން ޖެހޭނެއެވެ. މި ޒަމާނަކީ ޢިލްމީ ގޮތުން ކުރިއަރާފައިވަ ޒަމާނެވެ. މަޢުލޫމާތުގެ ފަހި ޒަމާނެވެ. އިންޓަރނެޓާއި، 5 ޖީގެ މުވާޞަލަތީ ޒަމާނެވެ. ވީމާ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މިއަދު މިހުރި މަރުކަޒުތަކާއި، އެ މައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ޤާނޫނާއި ޤަވާއިދުތައް ފުރިހަމަ ގޮތުގައި ތަންފީޒުކުރުމުގެ މަސައްކަތް ތެދުވެރިކަމާއި އެކު ކުރަން އަތުކުރި އޮޅާލަން މިވަނީ ޖެހިފައެވެ.
ޞިއްޙީ ޚިދުމަތަކީ އަސާސީ ޚައްޤެއްކަން ބަޔާންވެގެން ވާއިރު، ވަކި ކަހަލަ ބޯދާ ފަލްސަފާތަކުގައި ހިފަހައްޓައިގެން ތިބެވޭކަށް ނެތެވެ. ޤައުމު މިދަނީ ދަރާވިކެމުންކަމަށް މިދަނީ އަދުތައް އިވެމުންނެވެ. ޔޯލަ ވާހަކަތަކެއް ނޫނެވެ. ގައުމުގެ ދަރަނި ފަންސާސް ބިލިއަން (50،000،000،000) ރުފިޔާއަށް އެރިކަން ފައިނޭސް މިނިސްޓަރ ހާމަކުރެއްވީ ދާދި މިދާކަށް ދުވަހުއެވެ. ނަމަވެސް މި ދަރަނީގެ ތެރޭގައި ޞިއްޙީ ނިޒާމަށް ކުރެވިފައިވާ ހޭދައަކީ ކޮބައިކަމެއް ސާފުކޮށް އެނގޭނެ ގޮތެއް އަދި އެނގިފައެއް ނެތެވެ.
ގިނަ މަރުކަޒުތައް ހުރީ ވަރަށް ނިކަމެތި ޙާލަތުގައެވެ. އެދެވޭ ހިންގުމުގެ ނިޒާމެއް އަދި ނެތެވެ. ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތަކުގެ ތެރެއިން އިންސާނީ ވަޞީލަތް ވަނީ އިތުރުކުރަން ޖެހިފައެވެ. ޤައުމީ ހަރުދަނާ މެކޭނިޒަމެއް ޤާއިމު ކުރެވެން ޖެހެއެވެ. ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުރެވިދާނެ ކަމެކެވެ. ވަޒީފާ އަދާކުރާ މާހައުލުގެ ރައްކާތެރިކަމަށާއި މުވައްޒަފުންގެ ދުޅަހެޔޮކަމަށް އެތައް ކަމެއް ކުރަން ވަނީ ޖެހިފައެވެ. ޚިދުމަތާއި، ތަނުގެ ފެންވަރު ބެލޭނެ ފަންނުވެރިކަމެއް ޤައުމީ ނިސްބަތެއްގައި ބެލެހެއްޓެންޖެހެއެވެ. ޚިދުމަތް ފުޅާކުރުމުގައި، ސިޔާސީ ވައުދަކަށްވުރެ ބޮޑަށް ހެކިސާބިތުކޮށްދޭ ގޮތުގެމަތިން ފުޅާކުރެވޭ ޚިދުމަތަކަށް ވާންޖެހެއެވެ.
ޤާނޫނުތަކާއި، އުޞޫލުތައް އަދި ހަމަތައް އަބަދާއި އަބަދު މުރާޖާޢު ކުރެވޭނޭ އިންތިޒާމު ހަމަޖެހި އަބަދުމެ ދިރި އޮންނަ އެއްޗަކަށް ހެދެން ޖެހެއެވެ. ދިމާވާ ކަންކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެދެވޭ ގޮތުގައި ބަލައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރަންޖެހޭނެއެވެ. އަދިވެސް އެތައްކަމެއް ހުންނާނެކަން ޔަޤީނެވެ.