
އާއްމު ގޮތެއްގައި ސިނގިރޭޓް ބުއިމަށް ފެށުނީ ގްރޭޑް 10 ނިންމާލުމަށްފަހު ހުޅުލޭގައި ހުންނަ "ބީޗް ރެސްޓް" ކެންޓީނުގައި މަސައްކަތްކުރަން ފެށި ހިސާބުންނެވެ. މަންމަ ފަރާތުން ތިމާގެ މީހަކު ހިންގާ ތަނެއް ވީމައި އެތާ މަސައްކަތް ކޮށްލަދިނުމަށް ގޮސް އުޅުނީއެވެ. އެއީ 1993 ވަނަ އަހަރުގެ ޑިސެމްބަރ އިން ފެށިގެން 1994 ޖެނުއަރީ ނުވަތަ ފެބުރުއަރީ އާއި ދެމެދެވެ.
އޯލެވެލް ނިންމައި ރަށަށް، ށ. ގޮއިދޫއަށް، އަންނަން ތައްޔާރުވި އިރު، ދެ ކާޓޫނު މަލްބަރޯ ސިނގިރޭޓް ގަތީމެވެ. ރައްޓެއްސެއްގެ ދަރިއަކަށް ޓިއުޝަން ދިނުމުން ހަދިޔާ އަކަށް ދިން 1200 ރުފިޔާ އިންނެވެ. ހަނދާންވާގޮތުން އޭރު މަލްބަރޯ ސިނގިރޭޓް ކާޓުނެއްގެ އަގަކީ 65 ނުވަތަ 75 ރުފިޔާއެވެ.
އެދުވަސްވަރު ގޮއިދޫ އަށް ދާން ޖެހެނީ ށ. ކަނޑިތީމު އޮޑިފަހަރުންނެވެ. ގޮއިދޫގައި މާލެ ދަތުރުކުރާ އުޅަނދެއް ނެތީމައެވެ. ދެ ދުވަހުގެ ދަތުރަކަށްފަހު ކަނޑިތީމަށް އާދެވުނީ ރޭގަނޑެއްގައެވެ. އޭރު ކަނޑިތީމުގައި ވާޓަރުލައި ހަދާފައިވާ ބަނދަރެއް ނޯވެއެވެ. ފުރުތަމަ އާއްމުތަނެއްގައި އަދި މަންމަގެ ކުރިމަތީ ސިނގިރޭޓެއް ރޯކޮށްލީ އެރޭ އެ ދޯނީގައި ހުރެއެވެ. އެއި އާއްމު ގޮތެއްގައި ސިނގިރޭޓް ބުއިމަށް ފެށިރެއެވެ. މަންމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މާ ގިނަ ދުވަހަކު ސިނގިރޭޓެ ބުއިމުގައި ހޭދައެއް ނުކުރަމެވެ. އަތުގައި ސިނގިރޭޓް ގަންނާނެ ފައިސަ ނެތިގެނެއް ނޫނެވެ. ހަމަ ހުއްޓާލީއެވެ. މާ ބޮޑު އުނދަގޫ ކަމަކަށް ފަހާގައެއް ނުކުރެވުނެވެ.
ދެވަނަ ފަހަރަށް ސިނގިރޭޓް ބުއިމަށް މެދުވެރިވީ އަލަށް މަހަށް ދިޔަދުވަހު ހޮޑުލެވުމުން، އެކަމާއި ގުޅިގެންނެވެ. ނަމަވެސް އެ ދުވަހަށްފަހު ނުބޮމެވެ. 1995 އަހަރު ގެ ކުރީކޮޅުގައި ށ. ގޮއިދޫ ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާއަށް ވަތް އިރު ކުޑަކޮށް ސިނގިރޭޓް ބޮއެ އުޅުނީމެވެ. ށ. އަތޮޅު މަދަރުސާ އަށް ދާންދިމާވި ކަމީ މި ޢަމަލު އިތުރަށް ކުރިއަށް ގެންދިއުމަށް މެދުވެރިވި ސަބަބެކޭ ބުނެވިދާނެއެވެ. ގާތްގަނޑަކަށް އެ މަދަރުސާގެ އެންމެ ޓީޗަރުންނާއި ހެޑްމާސްޓަރ ވެސް ވަރަށް ގަޑައަށް ކުރާތީއެވެ. ނަމަވެސް 1996 ގައި މި ކަން ހުއްޓާލައިފީމެވެ. މައިގަނޑު ސަބަބަކީ ދަރިއަކު ބޭނުންވެގެންނެވެ.
ޖެހިގެން އައި 1997 އަހަރު ރަށު ސްކޫލްގެ ވަޒީފާއިން ވަކިވެ މާލެއަށް ގޮސް އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް (ފަހުން ފެކަލްޓީ އޮފް ހެލްތް ސައިންސަސް) އިން ކޮމިއުނިޓީ ހެލްތް ވޯކަރ ކޯހުގައި ބައިވެރިވެ އުޅުމުގެ ތެރޭގައި ސިނގިރޭޓް ބޯން ފެށިއްޖެއެވެ. މި ގޮތަށް ކޯހުގައި އުޅުމުގެ ތެރޭގައި 1997 އިން ފެށިގެން 2000 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ވަރަށް ގަޑައަށް ސިނގިރޭޓް ބުއީމެވެ. 2000 ވަނަ އަހަރަކީ ފުރަތައަށް ރާއްޖޭގައި ދުންފަތުގެ އިސްޠިޢުމާލު ނުކުރާ ދުވަސް ފާހަގަ ކުރެވެނު އަހަރެވެ. އެ އަހަރުގެ (2000 ވަނަ އަހަރުގެ) މެއި މަހުގެ 31 ވަނަ ދުވަހު، އަޅުގަނޑު ހުރީ، ކޯހުގެ އިންޓާރންޝިޕްގައި ށ. ފުނަދޫ ޞިއްޙީ މަރުކަޒު (އޭރުގެ އަތޮޅު ޞިއްޙީމަރުކަޒު) ގައެވެ. ހަނދާންވާގޮތުން "ހުއްޓާލާ އިނާމު ހޯދާ" ގެ ނަމުގައި ހިންގި ކެމްޕެއިނެވެ. 30 ދުވަހުގެ މުއްދަތަކަށް ދުންފަތުގެ އިސްޠިޢުމާލު ކުރުން ހުއްޓާލައިގެން ތިބެންޖެހެއެވެ. އަތޮޅުވެރިޔާ އަލްފާޟިލް މޫޝާ ރަމީޒާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ ޢަބްދުލް ލަތީފު މޫސާ (ބިލެތްފަހީ ލަތީފް) ، ޑރ. ސަތިސް ކުމާރު (ށ. އަތޮޅު ޞިއްޙީ މަރުކަޒުގެ ޑޮކްޓަރ)، ޖަމާއަޠުގެ ޞިއްޙީ އެހީތެރިޔާ ޙަސަން އިސްމާޢީލްގެ އިތުރުންވެސް އެތައްބަޔަކާއި އެކު ގައި އަޅުގަނޑުވެސް، އެދުވަހުން ފެށިގެން ދުންފަތުގެ އިސްޠިޢުމާލު ކުރުން ހުއްޓާލައިފީމެވެ. ނަމަވެސް އެ އެންމެ ހަފްތާއެއްވެސް ނުވެ އަލުން ފަށައިފިއެވެ. އެ ދުވަހު ހުއްޓާލި ގޮތަށް އަޅުގަނޑު އެ އަހަރުގެ ސެޕްޓެމްބަރާއި ހަމައަށް ހުރީމެވެ. އަނެއްކާވެސް ފެށިއްޖެއެވެ. 2000 ވަނަ އަހަރު އޮކްޓޯބަރ މަހު އަލަށް ލިބުނު ވަޒީފާއާއި އެކު ދާންޖެހުނީ ހައްދުންމަތީ ގަމަށެވެ. އެ އަތޮޅު ޞިއްޙީމަރުކަޒު ހިންގުމާއި ޙަވާލުވެގެންނެވެ. އަހަރު ނިމުމުގެ ކުރިން ލ. މާވަށަށް ވަޒީފާގައި ދާންޖެހުނީ އެ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުރި ހެލްތް ވޯކަރު ދިއުމުންނެވެ.
ފުރަތަމަ ގަތް މަލްބަރޯ ސިނގިރޭޓް ކާޓޫނަށްފަހު މަލްބަރޯ ސިނގިރޭޓެއް ނުބޮމެވެ. ހައްތަހާވެސް ބޮއެ އުޅުނީ "ކެމަލް" ގެ ހާޑްޕެކް އެވެ. އެއީ އޭރު މާ ގިނަމީހުން ބޮއެ އުޅޭ ބާވަތެއް ނޫނެވެ. ކޮންމެހެން އަގު ހެޔޮވީމައެއް ނޫނެވެ. ކަމުދާތީއެވެ. ނަމަވެސް މި ސަރަޙައްދުން ކެމަލް ސިނގިރޭޓް ނުލިބޭތީ މަލްބަރޯ އަށް ބަދަލު ކޮށްލައިފީމެވެ.
2000 ވަނަ އަހަރުގެ ޑިސެމްބަރ 3 ވަނަ ދުވަހު ލ. މާވަށް ގޮސް މަސައްކަތް ކުރަން ފަށައިފީމެވެ. އެރަށް ދިޔަތާ ކުރީކޮޅުގައި އެއްރެއަކު ވަރަށް ދަންވަންދެން މަރުކަޒުގައި، އުޅުމަށްފަހު ގެއަށް ގޮސް ސިނގިރޭޓެއް ބޯންވެގެން ބެލި އިރު ސިނގިރޭޓެއް ނެތެވެ. އެކި ގޮތްގޮތަށް ވިސްނައި ހެދުމަށް ފަހު ފެމެލީ ހެލްތް ވޯކަރު ، މުޙައްމަދު ތަޢުފީޤް ގެ ގެއަށް ގޮސްގޮވައިފީމެވެ. އަދި އެމެރިކަން ލެޖަންޑް ތިން ސިނގިރޭޓް ހިފައިގެން އައިސް ރޯކޮށްލައިގެން ބޮއެފީމެވެ. އަނެއް ދުވަހު ހޭލެވުނު އިރު ކަރުގައި ރިހެން ފަށައިފިއެވެ. އެމެރިކަން ލެޖަންޑަށް "އެލާރޖިކް" ވީތާއެވެ. ކުޑަ ދުވަސްކޮޅެއް ނުވެ، މަލްބަރޯ ސިނގިރޭޓް އަށްވެސް ބަދަލު ތަކެއް އަތުވެއްޖެއެވެ. "މޭޑް އިން އެމެރިކާ" ގެ ބަދަލުގައި "ބްލެންޑް އޮފް އެމެރިކާ" އަށް ފޮށިތައް ބަދަލު ވެއްޖެއެވެ. އަގުވެސް ދަނީ މަތިވަމުންނެވެ. 7 ރުފިޔާއިން ، 10 ރުފިޔާއަށް އަގު އުފުލުމަށްފަހު 12 ރުފިޔާ އަށް ބަދަލުވިކަން އެނގެއެވެ.
2001 ވަނަ އަހަރުގެ މެއި މަހުގެ މެދުތެރެއެވެ. އެ އަހަރުގެ ދުންފަތުގެ އިސްޠިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ރާވައި، ރައްޔިތުންނަށް މަޢުލޫމާޠު ދީފީމެވެ. މިކަމެއްކޮށްފައި މާ ގިނަ ދުވަހެއް ނުވެއެވެ. އެއްދުވަހަކަ ސިނގިރޭޓެއް ބޯން ، މަރުކަޒާއި ދިމާ ބޭރުގައި ހިޔާ ގަނޑެއްގައި ހުއްޓާ، އެއްކަލަ މަޢުލޫމާޠު ދިން ބައްދަލުވުމަށް، މަންމައަކާއި އެކުގައި ޚާޟިރުވި ކުޑަކުއްޖަކަށް ފެނިއްޖެއެވެ. އެ ކުއްޖަކު އަޅުގަނޑާއި ކައިރިއަށް ޖެހިލާފައި، "ޝަރީފުބޭވެސް ސިނގިރޭޓްބޮނީ" މިހެން ބުނެފައި ހިނގައްޖެއެވެ. ވަރަށް ގިނަ އެއްޗެހިތަކެއް ހިތައް އަރައި ފައިބައިގެން ދިޔައެވެ.
ޖެހިގެން އަދި ހަފްތާ ތެރޭގައި އަޅުގަނޑުގެ ހުރި ހަމައެކަނި، ދަރިފުޅު ހޮޑުލާތީ، އަންހެނުން (ދަރީގެ މަންމަ) މަރުކަޒަށް ގުޅާފައި ބުނެފިއެވެ. އޭރު އަދި މޯބައިލް ފޯނު ނުގެންގުޅެއެވެ. ގުޅީ އަޅުގަނޑުމެން ތިބޭ ގޭގެ ކުރިމަތީ ހުންނަ ފޯނު ބޫތުންނެވެ. ގެއަށް ގޮސް ދޮރުން ނުވަދެވެނީސް، އަޅުގަނޑުގެ މަންމަ ގެ އެއްޗެހިކިއުމާއި ކުރިމަތިލާން ޖެހިއްޖެއެވެ. " އެހެންނޫހޭ ވާނީ ސިނގިރޭޓް ބޮއެފަ ގޯތިތެރެއަށް އުކާތީ ވާގޮތޭ މީ" ވެގެން އުޅޭގޮތް ބެލިއިރު ދަރިފުޅު ސިނގިރޭޓް ފިލްޓަރެއް އަނގައަށްލައި ހަފާލީއެވެ. ނަމަވެސް އެއީ އަޅުގަނޑު އެއްލާލި ފިލްޓަރެއް ނޫނެވެ. ދުވަހަކުވެސް ސިނގިރޭޓް ފިލްޓަރެއް ތަންތާކަށް ނާޅަމެވެ. ވަކިން ޚާއްޞަކޮށް ކޮޓަރީއާއި، ގެ އަދި ގޯތި ތެރޭގައި ސިނގިރޭޓް ނުބޮމެވެ. ފިލްޓަރު ނިއްވާލުމަށްފަހު ފައިން އަރާ ޗިއްސްކޮށްލުމީ ކަށީގައި ހިފާފައި ހުންނަކަމެކެވެ. މީހުނަށް ސިނގިރޭޓެއްވެސް ނުދެމެވެ. އަދި މީހުން ކައިރި ސިނގިރޭޓް ދޭށޭ ބުނެއެއްވެސް ނޫޅެމެވެ.
ދަރިފުޅު ހަފާލި ފިލްޓަރަކީ އެގޭގައި އިމާރާތް ކުރަމުން ދިޔަ ތަނެއްގެ މަސައްކަތް ކުރަން އައިސް އުޅުނު މީހަކު އެއްލާލާފައި އޮތް ފިލްޓަރެކެވެ.
މި ދެންނެވި ދެ ސަބަބާއި އެކުގައި 2001 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްޠިޢުމާލު ކުރުމާ މިހުރީ ދުރަށް ގޮސް މާ ދުރުގައެވެ. އަޅުގަނޑު އެނގުނުގޮތުގައި ސިނގިރޭޓް ބުއިން ނުވަތަ ދުންފަތުގެ އިސްޠިޢުމާލު ކުރަން ހުއްޓާލުމީ އަޤީދާއާއި ގުޅިފައިވާ ކަމެކެވެ. މާ ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމެއް ނޫންކަމެވެ. ހުއްޓަލަން ބޭނުންވަނީ އަޒުމް ކަނޑައަޅައި ވަގުތުން ތަންފީޒް ކުރުމެވެ. އެ ޢަމަލު ހިންގާ ރައްޓެހިންނަށް ތިމާއަކީ އެ ޢަމަލު ތިމާ ހުރި ތަނެއްގައި ހިންގާނަމަ ސިނގިރޭޓުގެ ދުމުން ތިމާއަށް އުނދަގޫވާ ވާހަކަ ބުނަން ކެރޭމީހަކަށްވުމެވެ. 2001 ވަނަ އަހަރު އެންމެ 5 އަހަރުގެ ދަރިފުޅު އެދުވަހުން ފެށިގެން ބުނަނީ "އަޅުގަނޑުގެ ބައްޕަ ސިނގިރޭޓް ބުއިން ހުއްޓާލީ އަޅުގަނޑު ބުނެގެން" މިހެންނެވެ.