ދިވެހީންނާއި ސިޙުރު - 1886މ. މާލޭ ބޮޑުހުޅު

AhmedSharyph
ދިވެހިރާއްޖޭގައި ފުރަތަމައިން މީހުން ދިރިއުޅެން ފެެށުމަށްފަހު،  ޙިޖުރައިން 548؛ މީލާދީ ސަނަތުން 1151  ވަނަ އަހަރު (ޑރ. ޙުސައިން ޙަލީމު، 2012)، ރާއްޖޭގެ އޭރުގެ ރަދުން އިސްލާމް ދީން ޤަބޫލްކުރެއްވުމާއި ހަމައަށް ދިވެހިންނީ ބުދައް އަޅުކަން ކުރި ބުޑިސްޓް ދީނުގެ ބަޔަކެވެ.
މިދެންނެވި ދުވަހުން ފެށުގެން މިއަދާއި ހަމައަށްވެސް ދިވެހިރާއްޖޭގައި މި ދަނީ ފުރިހަމަ މިނިވަން ވެރިކަމެއް ކުރަމުންނެވެ. މިހެނދެންނެވި ކަމުގައި ވީނަމަވެސް، އެކި ފަހަރު އެކި ގޮތްގޮތަށް ވެރިކަމުގެ ބާރުތައް ބޭރު ބިދޭސީ ބައެއްގެ އަތްމައްޗަށް ނުދާވާހަކައެއްނޫނެވެ..
މި ލިޔުމުގެ މަޢުލޫއަކީ ވެރިކަން ހޯދުމަށާއި އަދި ވެރިކަން ދެމެހެއްޓުމަށް، އިސްލާމުދީނުގައި ނަހީކުރައްވާފައިވާ "ޝިޙުރު" ހާހޫރަ ހަދައި އުޅުނުކަމާއި އަދި މިއަދުވެސް، މިދެންނެވި ނުބައި ފާޙިޘް ޢަމަލު ކުރަމުންދާކަމުގެ މައްޗަށެވެ. ދީނީ އިމުގެ ތެރެއަކުން ނޫނެވެ. ތާރީޚީ ނަޒަރަކުންނެވެ.
ދިވެހިރާއްޖޭގެ އެވޭލާ ތާރީޚާއި، ފުލޯކް ވާހަކަތަކާއި، މިއަދާއި ހަމައަށް ފެންނަހުރި ތާރީޚީ އެންމެހާ ލިޔުންތައް ބެލިނަމަވެސް ކުރިން ބުނެވިދިޔަ ޝިޙުރުގެ ބޭނުން ކޮށްފައިވާކަން ފެންނާނެއެވެ. މިހެން މި ދެންނެވީ، މިހާތަނަށް ކިޔުނު ލިޔުންތަކާއި، ތުންތުންމަތިން އިވުނު ވާހަކަތަކުގެ އަލީގައެވެ.
ދިވެހީންގެ އާދަކާދައާއި، ޝަޤާފަތުގެ ތެރެއިން މިކަން ވަރަށް ފުރިހަމައަށް ފެންނާހުރިމެއެވެ. ޒާތްޒާތުގެ ކިޔެވެލި ތަކާއި، ފާޑު ފާޑުގެ ބާރުތަކާއި، އެކި ނަންނަންމުގެ ޖިންނި ސައިތޯނުންނާއި ދެވިންގެ ވާހަކަތަކީ ހަގީގަތެއް ކަމަށް ޤަބޫލުކުރުމެވެ.
ރަމަލު ޖެހުމާއި އިރުވަރުބެލުން، ކަނޑަށް ފާލަންއަޅައި މާބަހައްޓައިގެން ކިޔެވުން ފަދަ ކަންކަމީވެސް، ޝިޙުރުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ކިހައްލިޔެ ވަޅުލުން ނޫނީ ކަނޑުފެއްތުމުގެ އިތުރުން ފާޑުފާޑުގެ ގިނަ މެތުރުންތައްވެސް މެއެވެ. އަދި، އިސްތިރި ވަރިތޮޅިއަކީ އިސްލާމުންގެ ކަލާމްފުޅު ގައި އެއީ ނުބައިވެގެންވާ ޝިޙުރުގެ ޢަމަލެއްކަން ބަޔާންވެގެން ވެއެވެ. ރާއްޖެ އިސްލާމު ވުމަށް މެދުވެރި "ރަންމާރި"، ފުލޯކުވާހަކައިގައިވެސް ކުރެވޭ ކަންކަމީ، ޒާތެއްގެ ޝިޙުރެއްގެ ވައްތެރެކޭ ބުނެވިދާނެއެވެ. އެކި އެކި ދުވަސްވަރު އެތައް ގޮތަކަށް ޝިހުރު ހަދާފައި އެބަހުއްޓެވެ. އެކި ކަހަލަ ނަންނަމުގައެވެ. ތާރީޚީ އެތައް ޚާދިޞާއެއްގެ މައި އެޖެންޑާބިނާވެފައި އޮންނަނީވެސް ޝިހުރުގެ ގޮތްޕެއްގައި ހިމެނޭ ކޮންމެވެސް ކަމަކުންނެވެ. އެ ގޮތުން މި ލިޔުމުގައި ވަކިން ޚާއްޞަ ޚާދިޞާއެއް ބަޔާން ކޮށްލަދެވޭތޯ ބަލާނަމެވެ.
ބޮޑުހުޅު (1886މ.، މާލެ) "ބޮޑުހުޅު" މިއީ 1886 ވަނަ އަހަރު މާލޭގައި އަލިފާން ރޯކޮށް މީހުންގެ ހިތްތަކުގައި ބިރުވެރިކަން ފަތުރަން ހިންގި މުޑުދާރު ޢަމަލެކެވެ. ސުއްމުވުލް އަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނު އިސްވެހުންނަވައި ހިންގި ކަމެކެވެ. ތަފްޞީލަކަށް ދާކަށް ނެތީމެވެ.
މި ހުޅުޖެހުމުގައި މި ކަމުގައި ބައިވެރިވި އެންމެ އިއްތިފާޤުވެގެން ނިންމި އެއްކަމަކީ "ނުފެންނަ ފަންޑިތަ" ހެދުމަށެވެ. އާދެ! ކާފަރު ޖިންނި ގެނެސް އެ ޖިންނީގެ އެހީތެރިކަން ހޯދުމެވެ. މި ފަންޑިތަ ހަދައިގެން ހުރި މީހަކު ކިތަންމެ ކުޑަ އެއްޗަކާއި ނިވާވިޔަސް އެހެން މީހުންނަށް އެމީހަކު ނުފެންނަނީޔޯއެވެ.
މި ބުނި ޝިޙުރު ހެދުމުގެ އެދުރަކީ، އެ ދުވަސްވަރު އައްޑޫގައި އުޅު "ކުދު އަބޫ" ކިޔާ "ޝިޙުރުވެރި" އެކެވެ. މި ފަންޑިތަ ހެދުމުގައި، އަދު މަރުވި މީހެއްގެ މެއި ބޭނުންވާނޭ ބުނުމުން، އެ ދުވަހު މަރުވި ފަނައަހަރުގެ ކުއްޖަކު ވަޅުލާފައި ވަނިކޮށް، ރޭގަނަޑު އެ ގަބުރު ކޮނެނަގައި ވަޅަށް ފަސްލުމަށްފަހު ވެލާނާގެއަށް ގެންދިޔަކަމަށް ވެއެވެ. އަދި މި ގަބުރު އެގޭގައި އޮތްވާ، ވޭލާނާގޭގައި ކައްކަން އުޅޭ ހުވަދޫ އަންހެނަކަށް ފެނުނުކަން އެނގުމުން އެމީހާ މަރައި، ވެލާނާގޭ ގޯތިތެރޭގައި ވަޅުލާ ހެދުމަށް ފަހު، ކުރިން ދެންނެވި ގަބުރު ގުއިފުނަދުއަށް ގެންދިއައެވެ.
އެ ރަށުގައި އެކުއްޖާ ފަޅައި، މޭ ނަގައި މޭގަނޑުން ތެޔޮހާނައިގެން، އެ ތެޔޮޖަހައިގެނ ފުށްގަނޑެއް މޮޑެ މި ކަމުގައި ބައިވެރިވި މީހުން އެ ކެއީއެވެ. މިހުރިހާ ކަމެއް ކުރި އެދުރުމީހާ ހުރީ ބޮޑުކަމުގޮސް ނުތާހިރާއެވެ. އަދި މި ފުށްގަނޑު ކެއީ ނުތާހިރާތިބެއެވެ. އޮރިޔާން ހާލުގައި ތިބެގެންނެވެ. ސައިކުރާކޮއެއަށް އޭނާގެ ބައި ހުސްނުކުރެވުން ވީ ހެދި ޝިޙުރު ކާމިޔާބު ނުވި ސަބަބުކަމުގައި ކުދު އަބޫ ބުނިކަމަށްވެއެވެ. (އަބްދުލް ޙަކީމު ހުސައިން މަނިކު، 1981)
Image Source: https://www.christies.com/lotfinder/Lot/abu-al-hasan-ali-bin-ibrahim-al-antaki-kitab-5826282-details.aspx Direct Link: https://www.christies.com/img/LotImages/2014/CSK/2014_CSK_05526_0342_000(abu_al-hasan_ali_bin_ibrahim_al-antaki_kitab_kanz_al-talasim_fi_ilm_al).jpg