ދިވެހީން ވީ ކޮންތާކުތޯއެވެ؟

AhmedSharyph
މި ހުސްވި އޮކްޓޯބަރު މަހު އަޅުގަނޑު މާލޭގައި ދުވަސްތަކެއް ހޭދަކުރީމެވެ. އަޅުގަނޑުގެ ހުރި ހަމަ އެކަނި ދަރިފުޅުގެ އަލަތު ދަރި ވިހެއުމަށެވެ. މާލެއަކީ އަޅުގަނޑު އުފަންވީއްސުރެ އުމުރުން 18 އަހަރާއި ޖެހެންދެން އުޅުނު ފަސްގަނޑެވެ. އޭގެ ފަހުން އެކި ފަހަރުމަތިން މާލެ ގޮސް އުޅުނީ ވަރަށް މަދުންނެވެ. ކިޔެވުމަށް ދިޔަ ދެ ފަހަރު ފިޔަވައި މުޅިހެން އުޅެމުން މި ގެންދަނީ އަތޮޅު ތެރޭގައެވެ.
އަޅުގަނޑަށް އިވެނީ ރަށްރަށުގައި ދިރިއުޅޭ އެންމެންހެން "މާލެ" އަށް ދާ ވާހަކައެވެ. ފުރުޞަތުތައް އޮތީ އެތަނުގައި ކަމުގައި ވީމައި ކަމަށް ބުނެއެވެ. ތަޢުލީމާއި، ބޭސްފަރުވާ އަށް ބަރޯސާވާންޖެހިފައި ވީމައެވެ. ފާއިތުވެ މިދިޔަ ވިއްސަކަށް އަހަރު މާލޭ ވަނީ "ކޮންކުރީޓް ޖަންގައްލި" – އަކަށް ބަދަލުވެފައެވެ. އިރުގެ އަލިކަން ބިމަށް ލިބެނީ ހަމަ އެކަނި މެދު އުޑަށް އިރު އައުމުންނެވެ. މޯޓަރު ސައިކަލްތަކުން މަގުތައް ވަނީ ތޮއްޖެހިފައެވެ. އަދި އެހާމެ ހިނގާ ބިނގާވާ މީހުންވެސް ގިނައެވެ. އެކަމަކު "ދިވެހީން" ނެއް ނުފެނެއެވެ. ފެންނަނީ ބިދޭސީންނެވެ. މައިގަނޑު ގޮތެއްގައި ބަންގާޅު މީހުންނެވެ.
މާލޭގައި ދިރިއުޅޭ ދިވެހިންނަށްވުރެ ބަންގާޅު މީހުން ވަކި މަދެއްނުވާނެ އޭ ބުނެވިދާ ވަރަށް ހަމަ ގިނައީއެވެ. ކޮންމެ ދުވަހަކުވެސް އެ ރަށެއްގެ ދުވަހުގެ ހިންގުމުގެ އިންޖީނު ރޯކޮށް އެއަށް ހޭހަންކޮށް ބަލަހައްޓާނޭ ބަޔަކު ތިބެންޖެހޭނެއެވެ. މާލޭގައި މި ދެންނެވި އިންޖީނު ހިންގާ ބަލައްހައްޓާ ބަޔަކީ ބަންގާޅު މީހުންނެވެ. ތުނބުޅި މަތިމަސް ނުފަޅާ ޅަފުރައިގެ ކުދިންނާއި އޭގެ މަތީ ޢުމުރުގެ މީހުންނެވެ. އަންހެނުންވެސް މަދެއް ނޫންކަމުގައި ބައެއް ރައްޓެހި ބުންޏެވެ. ނަމަވެސް އަންހެނުންގެ ތެރޭގައި ގިނަވާނީ އެހެން ޤައުމުތަކުގެ މީހުން ކަމުގައި ވެއެވެ.
މި އެންމެންނަކީ، ކައި ބޮއެ ، ނިދުމާއި އަދި އެހެނިހެންވެސް އިންސާނީ ޒަރޫރަތްތައް ނެތި ނޫޅެވޭނެ ބައެކެވެ. އަހަރުމެން ފަދައިންނެވެ. ބޭ އިޚްތިޔާރުގައި ނަމަވެސް މިކަމާއި މެދު ވިސްނާލަން ޖެހުނީތީވި، ވިސްނާ ފިކުރު ހިންގީމެވެ. މާ މޮޅު ޢިލްމުވެރިޔަކަށް ވެގެނެއް ނޫނެވެ. ދިވެހި ރައްޔިތަކަށް ވެފައި ޢުމުރުން ތޭރަ- ސާދާ އަހަރުން ފެށިގެން އަމިއްލަ މަސައްކަތުން ދިރި އުޅެމުން އަންނަ މީހަކަށް ވީތީ އެކަންޏެއް ނޫނެވެ. އަދާ ކުރާ ވަޒީފާއާއި ކިޔެވިފައި ވާ ދާއިރާގެ ގޮތުން ކަމަށްވެސް ވީތީ ތޯއްޗެކެވެ.
ވޯރާ ވިޔަފާރި ވެރިންގެ ވާހަކަ އަޑު އެހި ބަޔަކަ ވެސް އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ޒަމާނީ އަޅުވެތިކަމާއި، ބައިނަލް އަޤްވާމީ ބޮޑު ކާރިޘާއެއްގެ ރަނގަބީލުގެ އަޑު އިވޭހެން ހީވެސް ވާން ފެށީއެވެ. މިއަހަރުގެ ކުރީ ކޮޅުގައި ށ. އަތޮޅު ޅައިމަގުގައި ހިނގާ ދިޔަ ބިދޭސީއެއްގެ މަރުގެ ޙާދިޞާއަށް ފަހުން މި ރަނގަބީލުގެ އަޑު ކެނޑިނޭޅި އިވިއިވި ހުރެއެވެ.
އިވޭ ގޮތުންނަމަ އެއްލަކަ ވިހިހާސް ބިދޭސީން މާލޭގައި އުޅޭކަމުގައި ވެއެވެ. ނުގަވައިދުން އުޅޭ މީހުން ގިނައެވެ. މި އެންމެން މި އުޅެނީ ހަމަ އެންމެ ބޭނުމަކުގައެވެ. އާއްމުދަނީ ހޯދުމަށެވެ. ފެންނަ މަންޒަރުތަކުން ކުރެވުނު ސުވާލަކީ ޖަވާބު ލިބޭނޭ ސުވާލެއްބާއޭ ހިތަށް އަރައެވެ. މި ދެންނެވި ބިދޭސީންގެ ކޮންމެ މީހަކު ދުވާލަކު އެންމެ ރުފިޔާއެއް އެމީހުންގެ ޤައުމަށް ފޮނުވިޔަސް، އެ ބޭރު ވަނީ ހާދަ ފައިސާއެކެވެ. މިއީ އެއް ކަނެވެ. ދެން ހުރި ކަންތަކާއި މިސްރާބު ތަކަށް ވިސްނައި ކުރިމަގު އާރޯ ކުރެވޭނޭ ޢިލްމީ ކުދިން މި ޤައުމުގައި ތިބޭނޭކަން ޔަޤީނެވެ.
އެހެން ނޫންނަމަ، އަޅުގަނޑުމެން މި ދަނީ "އަނދިރި އަނދިރިން" ގެ އަޅުވެތި ކަމާއި، " މަލާބާރުންނާއި ޕިޗޯރީންގެ ދުއްތުރާތަކާއި، ވޯރާ ވިޔަވާރިވެރިން ގެ ވަކިތަކާއި އަދި ހަމަ އެހެންމެ އެތައް ބަޔަކު ނޭދުނު އިނގިރޭސީން އިސްތިޢުމާރީ ރައްކާތެރިކަމުން މިންޖުވުމަށް ކުރަން ޖެހުނު މަސައްކަތަކަށްވުރެ އެތައް ގިނަ އަދި ބުރަ މަސައްކަތްތަކާއ ޚަރަދު ކުރަން ޖެހޭ ފަދަ މިސްރާބަކަށެވެ.
ބައިނަލް އަޤްވާމީ ޤާނޫނު ބުނާ އެއްޗެއް ބަލާލުމަށް ކުރި އެކުގައި ކިޔެވި ބޭފުޅަކާއި ހިތުގައި މިވާ "ގިލަންވެރި" ސުވާލު ކޮށްލީމެވެ. އިންސާނީ ޙައްޤުތަކުގެ ރޮނގުން އުނގެނިގެން ހުރި މި ފަރާތުން ބުނީ އެ އެންމެންނަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ޤައުމިއްޔަތާއި ވަޙުދަތު މިއޮތް ނެތިގެން ދަނީ އެވެ.
ދާދި މިދާކަށް ދުވަހުވެސް އިވުން އެއް ޚަބަރަކީ ނިޔައިވި ބިދޭސީއެއް، އެ ފަރާތުގެ އެއްވެސް ކަމަކާއި އެ މީހާ ނިސްބަތްވާކަމަށް ބުނާ ޤައުމުގެ ރާއްޖޭގައި ހުންނަ އެމްބެސީ އިން ޙަވާލު ނުވުމެވެ. މިއަދު މި ގައުމުގެ ނަން 'މޯލްޑިވްސް" އިން "ބަންގްލަދިވްސް" އަށް ބަދަލުވަމުން މިއޮތް ދަނީއެވެ. ދިވެހި ރާއްޖޭގައި ދިވެހީން ވީތަނެއް އެނގޭކަށް ނެތެވެ.