ވޯޓުގެ ހަގީގީ ބޭނުން: ރައްޔިތުންގެ މަޖިލީހުގެ ޒިންމާތަކާއި އިންތިހާބުގެ ހަގީގަތް

މިދުވަސްވަރަކީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވޭ އިންތިހާބު ބޯމަތިވެފައިވާ ދުވަސްވަރެވެ. ރާއްޖޭގެ އެންމެހައި ކޮންކޮޅުތަކުގައި ކެމްޕެއިނުގެ ފޯރި މިވަނީ ފެތުރިފައެވެ. ދޮރުން ދޮރަށް ހިނގުމާއި، ކަންމަތީ ބައްދަލުވުންތަކާއި، ބެނައަދި ޕޯސްޓަރުތަކުން ރަށްތައް މިވަނީ ފުރާލާފައެވެ. "ސަރުކާރުގެ ކެނޑިޑޭޓް"، "އަސްލު ކެނޑިޑޭޓް"، "ރައްޔިތުންގެ ކެނޑިޑޭޓް" އަދި މިނޫންވެސް އެތަށް ކެނޑިޑޭޓެއް މިވަނީ ރައްޔިތުންނަށް ފެނިފައެވެ.

މި އިންތިހާބުގއި ރައްޔިތުންގެ ވޯޓު ހޯދުމަށް އެތައް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ފެންނަމުން މިދަނީ ކުޑަވަރެއްގެ ދާހިލީ ހަނގުރާމައެކޭވެސް ހިތަށްއަރާ ފަހަރު އާދެއެވެ. ވަކިން ޚާއްޞަކޮށް މި ވާންއުޅެނީ ކޮންފަދަކަމެއްތޯ ވެސް ހިތަށް އަރައެވެ. ވޯޓު ދޭންޖެހޭނީ ސަރުކާރުގެ ކެނޑިޑޭޓަށޭ ކިޔާ އަޑަކީ އެންމެ ބޮޑަށް ގުގުމާފައި ވާ އަޑެވެ. ދައުލަތުގެ ހިންގުމުގެ އެންމެ އިސްވެރިންނަށް ހަމަ ނޭވާއެއްލެވޭނީވެސް މި ދެންނެވި ކެނޑިޑޭޓް ހޮވިގެން ކަމުގައި މެނުވީ ނުވެއެވެ. އެއްވެސް ރަށެއްގައި ތަރައްގީގެ ކުޑަނަމަވެސް މަސްރޫއެއްވެސް ހަމަ ހިންގާދެވޭނީ މަޖިލިސް ގަނޑުކޮށް ލިބެގެންނެވެ. އަނެއްކޮޅުން އިވޭ އަޑަކީ ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ސަރުކާރު ނިސްބަތް ނުވާ ޕާޓީތަކުގެ ނުވަތަ "ސަރުކާރު ނޫން ކެނޑިޑޭޓުން" ގެ ބައި ގިނަ މަޖިލީހެއް އޮތުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ބައެއް ދާއިރާތަކުން ބޭނުންވަނީ އެ ދާއިރާއަކަށް ނިސްބަތް ވާ މީހކު ގޮނޑިގައި ބައިންދާށެވެ. އަނެއްބައި ދާއިރާތަކުން ބުނަނީ ޚަރަދު ކުރާ މީހަކަށް ގޮނޑިއަށްވެސް އާދެވި ދާނެކަމުގައެވެ. ކަންއޮންނަވީ ވަކި މޮޅުގޮތެއް އެއީ އަދި އެނގިފައި އޮއްއެއްޗެއް ނޫނެވެ.

ނަމަވެސް، ދިވެހީން މިތިބީ އެކީ އެކަކައްޗަކަށް ގޮނޑިއަށް މީހަކު ހޮވަން ކެތްމަދުވެފައެވެ. ރައްޔިތުންގެ ބޭނުންތަކާއި ނުފޫޒު ހުރި މީހުންގެ ނުފޫޒުގައި ޖެހުމާއި، ސަރުކާރޭ މިކިޔާ ބާރުން އިއްވަމުން ދާ އަޑުތަކުންނާއި، ވިޔަފާރިވެރިން ނާއި، ފޮރުވިގެން ތިބެ ކުޅިބައި އަތުރަމުން ދާ ފަރުދުންގެ ޖަޒުބާތުގެ އޮއެވަރުގައި ނުޖެހި މިސްރާބު ހަމަމަގަށް އެޅުވޭތޯ ބަލާތަނެވެ. އަދި ހަމަ އެހެންމެ "ސަރުކާރަށް ގޮނޑި – ރައްޔިތުންނަށް ތަރައްޤީ" ލިބޭނެ ކަމަށް ދެކޭ އެތައް ބަޔަކުވެސް ތިބިކަން އެނގެއެވެ. ދެހާސް އަށްވަނައަހަރު އޯގަސްޓް ގައި އަމަލު ކުރަން ފެށި "ފެހި ގާނޫނު އަސާސީ" ގެ ފޮނި މީރުކަން ރައްޔިތުން ހޯދަމުން މިދަނީ އެކި ފަހަރު އެކި ރަހަލާ ބުއިމެއް ބޮމުން ދާފަދައިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ އެމީހަކު ނިސްބަތްވާ ދާއިރާ ތަރައްގީ ކުރަން ހޮވާ މީހަކަށް ދެކި، ކުރެވޭ އުންމީދެވެ. ބޮޑު ކަމެއް ޖެހިއްޖެ ނަމަ އެހީ ވާނެ މީހާކަމުގައި ދެކުމެވެ. ބަލިބޮޑުވާ ހާލު "އާސަންދަ" ހަމަޖައްސައިދޭނެ މިހާއެވެ. ތަފާތު "އެމް.ޕީ" ކަޕުތައް ބާއްވާއިދޭނެ މީހާއެވެ. "ސްމާރޓް ސްކޫލް"، ބޮޑު ހޮސްޕިޓަލް، ނޭޗަރ ޕާރކާއި، އައުޓްޑޯރ، ޖިމް ފަދަ އެތައް ކަމެއް ކޮށްދެނޭ މީހާއެވެ. ފެނަކައިން ވަޒީފާ ހަމަޖައްސާދޭނެ މީހާއެވެ. އަދިވެސ މިފަދަ އެތައް ކަމެއް ކޮށްދޭނޭ މިހާއެވެ. ބައެއްފަހަރަށް އެތައް ބާވަތެއްގެ ކަނޑުފަތިތައްވެސް އަޅާދޭނެ މިހާއެވެ. ކަނޑުމަސް ކަނޑު ފަތި، ވަދުމަސް ކަނޑުފަތި، އަދި ކިއެއްތަ ބަޔަކު ބުނެފިނަމަ މުސިމަސް ކަނދުފަތިވެސް އަޅާދޭނެ މީހާއެވެ.

ކަން މިހެން ހިނގަމުން ދާކަމީ ބައެއްމީހުން ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކުރިން ދެންނެވުނު ގާނުނު އަސާސީގައި ބަޔާންވެގެންވާ ދައުލަތް ހިންގުމުގެ ހަމަތަކާއި އަރާރުންވާ ކަމެއްކަމަށެވެ. މިހެން މި ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ، ހިރިޔާ ފާތުރާ ދަށަށް ވެދުން ހިފައިގެނ ދާހެން ގޮސްގެން ދާއިރާ ގެ ތަރައްގީ ހޯދަން "އިއްޒަތް" ތެރި ގޮނޑިގައި ވަދުވާ ބައެއް ނޫންކަމަށެވެ. އާދެ! ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ތިންވަނަ ބާބު – ރައްޔިތުންގެ މަޖިލިސް، ހަތްދިހަ ވަނަ މާއްދާގައި ބުނާގޮތުންނަމަ މި މަޖިލީހުގެ ބޭނުމާއި ވާޖިބުތަކާއި ޒިންމާތައް ވަނީ ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދީފައެވެ. ތިރީގައި އެވަނީ މިދެންނެވި މާއްދާ ހިމަނާލާފައެވެ.

ޤާނޫނު ހެދުމުގެ ބާރު 70.

(ހ) ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ޢާންމު ބާރުތަކުގެ ތެރޭގައި އަންނަނިވި ވާޖިބުތައް އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރުވެސް އެ މަޖިލީހަށް ލިބިގެންވެއެވެ.

1. މި ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތީން ޤާނޫނުއަސާސީއަށް އިޞްލާޙުގެނައުން.

2. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލްކުރުން.

3. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން.

4. ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން.

5. މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމާންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން ނިންމުން.

6. ރައްޔިތުންނާގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން.

7. ރައްޔިތުންގެ މަޖިލީހުން އަދާކުރާންޖެހޭނެ ކަމަށް މި ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް ވާޖިބުތައް އަދާކުރުން. -ނުނިމޭ-

މި ލިޔުން ޝާއިޢު ކުރައްވާ