
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އަލަށް ބައްޓަންވެގެން މި ދާދިއުމުގައި މިހާރު އުފެދިފައިވާ ހެލްތް ކޯރޕޮރޭޝަން ގެ ނިޒާމަކީ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންތެރި ނިޒާމެއް ކަމުގައި ދެކެމެވެ. ނަމަވެސް މި ފަދަ ބޮޑު ބަދަލެއް ގެ ކުރީކޮޅުގައި ތަފާތު ގޮންޖެހުންތައް ހުންނާނެ ކަން ޤަބޫލްކުރަންޖެހެއެވެ. މި ގޮތުން މިހާރު އުފެދިފައިވާ ކޯރޕަރޭޝަންތަކުގެ ތެރޭގައިވެސް ތަފާތު ތަކެއް ހުރިކަން މިއީ ޚަޤީގަތެކެވެ.
ނަމަވެސް މި ތަފާތުތަކަކީ މި ކޯރޕަރޭޝަން އުފެއްދުމުގެ މަޤްޞަދުން ބޭރު އަމިއްލަ އެޖެންޑާތަކެއް ގެންގުޅޭ ބައެއްގެ ސަބަބުން ކުރިމަތި ވެފައި ވާ ކަންތައްތަކެއް ހަމަ ޔަޤީނެވެ. މިފަދަ ބައެއް ކަންތައްތައް ތަކުގެ ސަބަބުން ހިތްހަމަނުޖެހި ތިބި ފަރާތްތަކުންނާއި އަދިވެސް މި ފަދަ ނުތަނަވަސްކަން ކުރިމަތިވެފައިވާ ފަރާތްތަކުން ދެކޭގޮތުގައި ކޯރޕަރޭޝަންތައް އުވާލުމަކީ ޙައްލެވެ.
މިއީ ރަނގަޅު ގޮތްކަމުގައި ދެކި ކޯރޕަރޭޝަންތައް އުވާލުމަށް ކުރެވެމުން ދާ ގިނަ މަސައްކަތްތަކަކީ ވަކިވަކި ފަރުދުންތަކެއްގެ އަމިއްލަ އެޖެންޑާއެއް ޚާޞިލް ކުރުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކެއްކަން ޔަޤީނެވެ.
މީގެ ކުރިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ރަށްރަށުގައި ހުރި ޞިއްޙީ ފަރުވާދޭ "މަރުކަޒުތައް" ބެލެހެއްޓުމުގައި ހެލްތް މިނިސްޓްރީ އަށް ޚާޞިލް ކުރެވިފައިވާ މިންވަރާއި މެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. ޑޮކްޓަރުންނާއި ނަރުހުން ހަމަޖެއްސުމާއި ބޭސްފަރުވާއަށް ބޭނުން ކުރާ ސާމާނާއި އާލާތްތައް އިތުރު ކުރުމުގައި ކަންކުރެވިފައިވާ ގޮތްތަކާއި މިންވަރާއި މެދު ވެސް ސުވާލު ކޮށްލައްވާށެވެ.
މަރުކަޒުތައް ހިންގަމުން ގެންދިޔަ ހަމަތަކާއި އުޞޫލްތަކާއި މުވައްޒަފުންގެ ފަންނީ ކެރި ފޯރުންތެރިކަމާއި ޤާބީލް ކަމަކީވެސް އެތައް ގޮތަކުން ވިސްނާލަން ޖެހޭ ކަންކަމެވެ.
ނުފޫޒު ގަދަ ފަރުދުން ގެ ބާރުވެރިކަން އިންތިހާއަށް ސިފަވާ ފަދަ ގޮތަށް ބިނާކުރެވިފައިވާ މަރުކަޒުތަކާއި، ދެވޭ ޚިދުމަތާއި ވަޞީލަތްތައް ހަމަޖެއްސުމުގައިވެސް ހެދިފައިވާ މިންގަނޑުތައް އެއްފަރާތުގައި ބޭއްވުމަށް ފަހު ކަންކުރެވިފައިވާ ތަންތަން އަދިވެސް އެހެރީ ފެންނާށެވެ.
މިހެން ހިނގަމުން ދިޔަ ނިޒމާކަށް އެ ނިޒާމުގެ އިސް މޭސްތިރިންގެ ގޮތުގައި ތިބި ގިނަ ބަޔަކު އެމީހުންގެ ބާރުވެރިކަމުން ދުރުވެ އައު ނިޒާމަކަށް ކުރިމަތިލުމީ ވަރަށް މަދު ފަހަރެއްގައި ނޫނީ މަރުހަބާ ކިޔާނޭ ކަމަކަށް ނުވާނެތީ މިއަދު މިފެންނަނީ މި އުފެދުނު ހެލްތް ކޯރޕަރޭޝަން ތައް އޭގެ ޅަފަތުގައި އާދެ ނުވަރޭ ފެނުތެރޭގައި ވަޅުލުމަށް ތައްޔާރު ވަމުން ދާ މަންޒަރެވެ.
ނުރަގަޅު އުޞޫލްތަކާއި އެކު ހިންގަމުން ގެންދާ ހެލްތް ކޯރޕަރޭޝަން ތައް ހަމަޔަކަށް އަޅުވައި އިސްލާޚް ކުރުމުގެ ބަދަލުގައި މުޅި ނިޒާމު ކުރިއެކޭ އެއްގޮތަށް ބަދަލުކޮށް އިހު އޮތްގޮތަށް ބަދަލުކޮށް ނިންމަމުން ގެންދާ ގެންދިއުމަކީ އަޅުގަނޑަށް އެހާ ތާޢީދު ކުރެވޭ ކަމެއް ނޫނެވެ.
މީގެ ބަދަލުގައި މިއަދު ކުރަންޖެހިފައިވާ ކަމަކީ ކޯރޕަރޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމާއި އެކު ރައްޔިތުންގެ ޚިއްޞާވެސް ހިމެނޭގޮތަށް ކޯރޕަރޭޝަންތަކުގެ ހިންގުމާއި އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަން ހުރި މަސައްކަތްތަކެއް ކުރުމެވެ.
ތިމާގެ ދަރިންތަކެއްގެ ތެރެއިން ދަރިއެއްގެ ޢަމަލުތައް ހުރި ގޮތަކުން ހުރިހާ ދަރިން މަރާ ކަފުންކޮށް ވަޅުލުމަށް ވުރެ ބަސްނާހާ ދަރި އިސްލާޚް ކުރުން މާ ބުއްދިވެރިއެވެ.