މިރުސް ސްޕްރޭއާއި ކަރުނަ ގޭސް

AhmedSharyph
© Dinuka Liyanawatte/Reuters މި ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އެކި ކަންކަމާއި ގުޅިގެން ތަފާތު އިހްތިޖާޖު ތަކާއި މުޒާހަރާތައް ދަނީ ބޭއްވެމުންނެވެ. އަދި މި ދެންނެވި އިހްތިޖާޖުތަކާއި އެއްވުންތައް ރޫޅާލުމުގައި ސަލާމަތީ ޚިދުމަތްތަކުން ކެމިކަލް އެއްޗެހި ދަނީ ބޭނުން ކުރަމުންނެވެ. މި ގޮތުން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ ކެމިކަލް އެއްޗިއްސަކީ "މިރުސް ސްޕްރޭ" (ޕެޕަރ ސްޕްރޭ) އަދި "ކަރުނަ ގޭސް" (ޓިއަރ ގޭސް) އެވެ.
މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްދުކުރަނީ ސަލާމަތީ ޚިދުމަތްތަކުން އިޙްތިޖާޖް ތަކާއި މުޒާހަރާ އަދި އެއްވުންތައް ރޫޅާލުމުގައި ބޭނުން ކުރާ ކެމިކަލް އެއްޗެހި ކަމުގައި ވާ މިރުސް ސްޕްރޭ އަދި ކަރުނަ ގޭހާއި ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ކޮޅެއް އާއްމުކޮށްލުމެވެ.
"މެޑިކޯ ލީގަލް ޖާރަނަލް" ގެ (2016) 84 ވަނަ ވޮލިއުމް ގެ 1 ވަނަ ޢަދަދުގެ ސަފްޙާ 22-25 ގައި (މެންޒެސް އެޓް އަލް) ބަޔާންކޮށްފައިވާ ގޮތުންނަމަ ޢީޝާގެފާނު ދުނިޔެއްއަށް  ވަޑައިގަތުމުގެ 401- 431 އަހަރު ކުރިން  މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގައި ކެމިކަލް އެއްޗެހި ބޭނުން ކޮށްފައިވާ ކަމަށް އެނގެން އޮންނަކަމަށް ވަނީ ލިޔެފައެވެ. މި ގޮތުން އެ ދުވަސްވަރު ކުރެވުނު "ޕެލޮޕޮނޭސިއަން  ހަނގުރާމަ" ގައި "އެތޭނިއަން ކިއްލާ" ގެ ދިފާއުގައި ތިބި ފަރާތްތަކުން  އަދުއްވުންނާއި ދެކޮޅަށް، ބޯޓްދެލި، (ކޯލް)، ކައްސަނދުވާނީ (ސަލްފަރ) އަދި ތާރު (ޕިޗް) އަންދައި ދުން އާޅާފައިވެއެވެ.
މިދެންނެވި ތާރީޚްގެ ފަހުން ފާއިތުވެ ދިޔަ ޣަރުނުތަކުގައި ކެމިސްޓްރީ އިލްމަށް އައި ކުރިއެރުމާއި އެކު އެއްވުންތައް ރޫޅާލުމަށް ބޭނުން ކުރުމަށް އުފައްދާ ކެމިކަލް އެއްޗެހި ދިޔައީ ގިނަ ވަމުންނެވެ. މި ގޮތުން ދުނިޔޭގެ ގައުމުތަކުގެ އަސްކަރިއްޔާތަކުން މިފަދަ ކެމިކަލް އެއްޗެހި ހަނގުރާމަ ތަކާއި އެއްވުންތައް ރޫޅާލުމާއި ރަހީނުކުރުމުގެ ޚާދިޝާތަކުގައި ބޭނުންކޮށް އެތައް ބަޔެއްގެ ފުރާނަ ނެތިގޮސްފައި ވާކަން ތާރީޚުން އެނގެން އެބަ އޮތެވެ.
ކަން މިހެން ވަމުން ދިއުމާއި އެކީގައި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވޭ އެންމެހާ ކެމިކަލްއެއްޗެހި އުފެއްދުމާއި ކޮށާރުކޮށްފައި ބެހެއްޓުމާއި ހަނގުރާމާގައި ބޭނުން ކުރުމާއި ގުޅޭ ގޮތުން،  1993 ވަނަ އަހަރު "ކެމިކަލް ވެޕަންސް ޓްރިޓީ" ނަމުގައި މުއާހަދާއެއް އެކުލާވަލައި 1997 ވަނަ އަހަރު 162 ގައުމުން ސޮއިކޮށް ވަނީ ޢަމަލު ކުރަން ފައްޓާފައެވެ. އަދި 2016 އަހަރު އޭޕްރީލް ގެ ނިޔަލަން 193 ގައުމަކުން ވަނީ މި މުއާހަދާ ގައި ބައިވެރިވެ ސޮއެކޮށްފައެވެ. ދިވެހިރާއްޖޭ މި މުއާޙަދާގައި ސޮއިކޮށްފައިވަނީ 04 އޮކްޓޯބަރ 1993 ވަނަ އަހަރު އެވެ. އަދި 1994 މެއި 31 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭއިން އަންނަނީ މި މުއާޙަދާއަށް ޢަމަލު ކުރަމުންނެވެ.
މި މުއާހަދާގެ އާރޓިކަލް 2 ގެ 7 ވަނަ ނުކުތާގައި ވަނީ މަދަނީ ބަސްނޭހުންތަކާއި، އިޚްތިޖާޖުތަކާއި އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމުގައި ބޭނުން ކުރެވޭނޭ ކެމިކަލް އެއްޗެހި މާނަ ކޮށްދީފައެވެ.
މިރުސް ސްޕްރޭ:
މިރުސް ސްޕްރޭ ނުވަތަ (ޕެޕަރ ސްޕްރޭ) އަކީ ކަރުނަ އޮހުރުން އިތުރުކުރުވާ (ލެކްރިމޭޓްރީ އޭޖެންޓް) އެއްޗެކެވެ. މި ސްޕްރޭގައި އެކުލެވޭ މައިގަނދު ކެމިކަލް އަކީ  މިރުހުގައި ހުންނަ ދިލަކުޅި މެދުވެރިކުރުވާ ކެމިކަލް (އޮލިއޯރެސިން ކެޕްސިކަމް) އެވެ. މިރުސް ސްޕްރޭ އަކީ ފުލުހުން، މަދަނީ ބަސްނޭހުންތައް މަތަ ކުރުމަށާއި ނަފުސުގެ ދިފާޢުގައި ބޭނުން ކުރުމަށް ގެންގުޅޭ ކެމިކަލް އެކުލެވިގެންވާ ފުރާނައަށް އަށް ނުރައްކާތެރިކަން ކުޑަ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ.
ބައެއް ޤައުމުތަކުގައި މިރުސް ސްޕްރޭ އަކީ،  ވަލު ޖަނަވާރުގެ ކިބައިން ރައްކާތެރިކަން ހޯދުމަށް، ވަކިން ޚާއްޞަކޮށް ވަލު ކުއްތާ އަދި ސާރިދޯޅުގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އާންމުންނަށް  ބޭނުން ކޮށް އުޅުމަށް ހުއްދަކުރެވިފައިވާ އެއްޗެއްވެސް މެއެވެ.
މިރުސް ސްޕްރޭ ގައި އެކުލެވޭ ކެމިކަލް ގެ އަޞަރު ކުރުމުން ދިމާވާ ކަންތައް ތަކުގެ ތެރޭގައި ލޮލަށް އުނދަގޫވެ ލޯ އުނގުޅަން ޖެހުމާއި ކަރުނަ އިތުރު ކުރުމާއި، ލޮލަށް ތަދުވުމުގެ އިތުރުން ލޮލުގެ ފެނުން އެތައް އިރަކަށް ނެތިގެންދާ ފަދަ އެއްޗެކެވެ. ކުއްލިއަކަށް ލޮލުގެ ފެނުމަށް ކުރާ އަޞަރާއި ވާ ތަދުގެ ސަބަބުން ނުކިޔަމަންތެރި ފަރުދުންނާއި ފިލަން ދުވާ ކުއްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ނުހަނު ފަށޭހަ ވެގެން ދެއެވެ.
މިރުސް ސްޕްރޭ ގެ ސަބަބުން ކުރިން ދެންނެވި ނެދެވޭ ޢަޞަރު ތަކުގެ އިތުރުން އަންނިވި ކަންތައްތަކަކީވެސް މިރުސް ސްޕްރޭ ބޭނުން ކުރުމުގައި ޚާއްޞަ ސަމާލު ކަމެއް ދޭންޖެހޭނެކަމަށް ފެންނަ ބައެއްކަންކަމެވެ. މިގޮތުން، ކަރުނައިތުރުވުން، ލޮލުގެ ހުދުކަޅި ދުޅަވެ ރަތްވުން، ކެއްނުކުރެވޭހާ ތަދު އިޚްޞާސްވުން، ލޯނުހުޅެވި ލޯ މެރިފަހުރުން، އަދި ހަތަރު ފަސް ދުވަސް ވަންދެން އެސްފިޔަ ޖަހާނުލެވި ހުންނަންވެސް ޖެހިދާނެއެވެ. ނާރުތަކުގެ ނިޒާމަށް މިރުސް ސްޕްރޭގެ އަޞަރުކޮށްފިނަމަ ނާރުތައް ދުޅަވެ ހިއްޞު ކެނޑިގެން ދާގޮތްވެސް މެދުވެރި ވެއެވެ.
މިރުސް ސްޕްރޭ ގެ ތިކިތައް ހަންގަނޑުގައި ޖެހިއްޖެނަމަ ފިހުމުން ނަގާފަދަ ގަދަ ދިލަ ނެގުމުގެ އިތުރުން އެއްޗެއް ހެރޭފަދަ އިޚްޞާސް ކުރެވެއެވެ. އެލާރޖިކް ވެއްޖެނަމަ ހަމުގެ އެތައް މައްސަލަތަކެއް ކުރިމަތި ވެއެވެ. ހަންގަޑު ދުޅަވެ ރަތްވުމާއި ފޮޅުނަގާ ގޮތްވެސް މެދުވެރި ވެއެވެ. ޤަބޫލުކުރެވިފައިވާ ގޮތުގައި މިރުސް ސްޕްރޭގެ އަޞަރުގެ ސަބަބުން ހަންގަނޑުގައި ހިމެނޭ ފައިދާކުރުވަނިވި އެތަކެއް "ބަޔޯކެމިކަލް މީޑިއޭޓަރ" ނެތިކޮށްލާ ކަމަށް ބެލެވެއެވެ.
މިރުސް ސްޕްރޭއަކީ ހަނގުރާމާގައި ހަތިޔާރެއްގެ ގޮތުން ބޭނުން ކުރުން މަނާކުރެވިފައިވާ އެއްޗެއްކަމުގައި ވީ ނަމަވެސް ސުލްހަ މަސްލަހަތު ޤާއިމު ކުރުމާއި އަމިއްލަ ނަފުސުގެ ދިފާޢުގައި، ފުލުހުން ބޭނުން ކުރުމަށް ހުއްދަކުރެވިފައިވާ އެއްޗެކެވެ. ނަމަވެސް ހިތުހުރި ގޮތަކަށް ގަޔަށް ބޮޑީ ސްޕްރޭ ޖަހައިހެން ނުވަތަ އެއަރ ފްރެޝްނަރ ޖަހާ ބީދައިން ޖެހުން މަނާކުރެވިފައިވާ އެއްޗެކެވެ. ސްޕްރޭ ކުރަން ފިތާލާ ކޮންމެ ފަހަރަކުވެސ އެއް ސިކުންތައް ވުރެ ގިނައިރު ފިތުމަކީ މަނާ ކުރެވިފައިވާ ކަމެކެވެ. އަދި ސްޕްރޭ ކުރެވޭ ދުރުމިނަކީ ވެސް ބަޔާން ކުރެވިފައިވަ ކަންކަމެވެ.