ގޮނޑުދޮށްތަކާއި މޫދަކީ ރައްކާތެރި ތަންތަން ކަމުގައިވާންޖެހޭ!

AhmedSharyph

އަޅުގަނޑުމެން ދިރިއުޅެމުން މި ދާ ރަށްތަކަކީ މާތް ﷲ މި ދުނިޔެމަތީގައި ލައްވާފައިވާ ނުހަނު ރިވެތި އަދި އެހާމެ ޢަޖައިބު ކުރުވަނިވި ތަނެކެވެ. މި ކުދި ޖަޒީރާ ރަށް ތަކުގެ ވަށައިގެން ވާ ދޮންވެލި ގޮނޑުދޮށްތަކަކީ އިންސާނާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެތައް ގިނަ އެހީތެރިކަމެއް ލިއްބައިދޭވެސް ތަނެކެވެ. ގޮނޑުދޮށުގެ ވެލިގަނޑަކީ އެތައް ގިނަ ފަރުވާ ތަކެއް އޭގައި އެކުލެވިގެން ވާ އެއްޗެކެވެ. ހުސްފައިގައި ގޮނޑުދޮށުގައި ހިނާ ހެދުމަކީ ލޭ ދައުރު ކުރުމުގެ ނިޒާމުގެ މައްސަލަތަށް ލުއި ކޮށްދީ ހަދާ ކަމެކެވެ. އަދި ގޮނޑޮށާއި އެކުގައި އެވާ އަލި މޫދަކީ އެ ތަނަށް އެރި ފީނާ ފަތާ ހެދުމަށް ބޭނުން ކުރާ ތަނެކެވެ. ކުރިން ދެންނެވި ފަދަ އެތައް ޞިއްޙީ ފައިދާ ތަކެއް މި ކަންކަމުގެ ސަބަބުން ލިބިގެން ދެއެވެ. އަދި ހަމަ އެހެންމެ ގޮނޑުދޮށް ކައިރީގައި ދިރިއުޅޭ މަސްމަހާ މެއްސަކީވެސް އެ ބާނައިގެނ ނުވަތަ ހިފައިގެން ކެއިންބުއިމުގައި ބޭނުން ކުރަމުންދާ ރޯއްޖެވެ.
ނަމަވެސް މި ދެންނެވި ގޮނޑުދޮށްތަކާއި އެތަންތަނުން ލިބޭ ވަޞީލަތްތަކަކީ ތިމާއަށް ނުރައްކަލާއި ގެއްލުން ކުރިމަތި ކުރުވާ ތަނަކަށް ވެގެންދާ ތަނެއްކަމުގައިވެސް ވުމީ ވަރަށް ގާތްކަމެކެވެ. ތަޣައްޔަރު ވެފައިވާ ގޮނޑުދޮށާއި މޫދަށް އެރި އުޅެން ޖެހިއްޖެ ނަމ ތަފާތު ބަލިތަކަށް ތިމާ ހުށަހޮޅިގެން ދާގޮތް މެދުވެރިވުމީ ވަރަށް ގާތްކަމެކެވެ.
ގޮނޑުދޮށްތަކާއި މޫދު ތަޣައްޔަރުވާން މެދުވެރިވާ ގިނަ ކަންކަމީ އަހަރުމެންގެ ޢަމަލު ތަކުގެ ނަތީޖާ އެވެ. ރަށުން ފައިބައިގެން ދާ ފެނާއި އެކު ބޭރުވެގެންދާ ވިހަތަކާއި ޒާތްޒާތުގެ ކެމިކަލް ތަކެވެ. މި ދެންނެވި އެއްޗެއް ތަންކޮޅެއް ތަފްޞީލް ކޮށްލަ ދެވޭތޯ ބަލާނަމެވެ. ރަށުގެ އެތައް މި ތަނަށް ކުނި އުކާލާއިރު އެ އުކާލެވެވޭ ކުނީގައި ހިމެނޭ ފޭދިގެންދާ ހުރިހާ ދިޔައެއް ގުޅެނީ ބިމުގެ ފެންފަށަލައާއެވެ. އަދި މި ފެންފަށަލައަކީ މޫދާއި ގުޅިފައިވާ ފެންފަށަލައެއްކަން ވަނީ ހޯދުންތަކުން އެނގިފައެވެ. ވީ އުކާލާ ކުނީގައި ނުވަތަ ވަކިން ޚާއްޞަކޮށް ބިމުގައި ވަޅުލާ އެކި ފާޑުފާޑުގެ ކުނިބުނިން އުފެދޭ ނުވަތަ އެކުލެވިގެންވާ ވިހަ ތަކާއި ކެމިކަލް ތަކުގެ އަސަރު ގޮނޑުދޮށްތަކާއި މޫދަށް ކުރެއެވެ.

ނަޖިސް ވަޅުގަނޑުތައް ހިއްކާ ހެދުމަށް ފަހު އިތުރު ފަރުވާއެއް އެއަށް ނުދީ އުކާލާ ނަމަ އެ އުކާލެވޭ ސަރަހައްދެއްގެ ގޮނޑުދޮށާއި މޫދުގައި ބަލިޖައްސައިދޭ ޖަރާސީމުތައް ގިނަވެ އެ ހިސާބުތަކަށް މޫދަށް އެރި އުޅޭމީހުންނަށް ބަލިޖެހުމަކީ ވަރަށް ގާތް ކަމެކެވެ. ބާވަތް ބާވަތުގެ ބެކްޓީރިއާއި، ވައިރަހާއި، ޕްރޮޓޮޒޯއާ އަދި ޒާތް ޒާތުގެ ޕެރަސައިޓުތައް މިއީ މިބާވަތުގެ ތަންތަނުން ފެންނަ ބަލި ޖައްސާ އެއްޗިއްސެވެ.
އޮޔާއި އެކު ލަގުވާ ތަފާތު ކުނިބުނީގެ ސަބަބުންވެސް މޫދާއި ގޮނޑުދޮށްތައް ތަޣައްޔަރު ވާން މެދުވެރި ވެއެވެ. މި ދެންނެވި ގޮތަށް ލަގުވާ ކުންޏަކީވެސް ނުހަނު ގިނަ ނުރައްކާތެރިކަން ކުރިމަތި ކުރުވައިފާނެ އެއްޗިއްސެވެ. ވަކިން ޚާއްޞަ ކޮށް ޕްލާސްޓިކް ގެ ބާވައްތަކަކީ މަސްމަހާއި މެއްސާއި އެތައް ދިރުމަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުން ދޭ އެއްޗެކެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވަމުން ދާ ޤުދުރަތީ ބައެއް ހާލަތްތަކަކީ ވެސް ގޮނޑުދޮށްތަކާއި މޫދު ގެ ރައްކާތެރިކަން ނެތިގެން ދާ ކަންތައްތައް ތަކެކެވެ. މިގޮތުން ފާހަގަކުރެވޭ އެންމެ މުޚިންމު އެއްކަމަކީ ބާރު އުދަތަކާއި އޮޔެވަރުގެ ސަބަބުން ތިލަ ފަޅުމަތީގައި ހެދިފައިވާ މުރަކާ ތައް މުގުރި ރާޅާއި އެކު ގޮނޑުދޮށްތަކަށް ރާޅާއި އެކު ލަގުވުމެވެ. މިއީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން އޭގެ ނޭދެވޭ އަސަރު ކުރިމަތި ކުރުވާ ކަމެކެވެ. ފުރަތަމައީ މުރަކައިގެ ދިރުން ނެތި ދިއުމެވެ. ދެވަނައަށް ރަށުގެ ދޮންވެލި ގޮނޑުދޮށް އަކިރިއާއި ތޫނު މުރަކައިގެ ތަނަކަށް ބަދަލުވުމެވެ.
ކުރިންދެންނެވި މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލު ތަކާއި ގުޅިގެން ކުރިމަތިވާ އަނެއް ނުރަކަލަކީ އަލްގަލް ބްލޫމް އެވެ. ކުއްލިއަކަށް އާދަޔާ ޚިލާފު ކުލައެއްގައި މޫދުގެ ލޮނުގަނޑު ފެނުމާއި އެކު ގިނަފަހަރަށް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މަސްމަހާމެހި ނުވަތަ އެއިނ ބައެއް ބާވަތުގެ މަސްތައް މަރުވެ އޮޔާއި އެކު އައިސް ގޮނޑުދޮށްތަކަށް ލަގުވަމުން ދިއުމެވެ.
އަލްގަލް ބްލޫމަކީ މޫދުގައި އެކުލެވިގެންވަ ކުދި ދިރުންތަކުގެ ތެރޭގައި އޭގެ އާބާދީ ވަކިމިންވަރަކަށް ހިފެހެއްޓިފައިވާ އަލްގައި ތައް އެއްވެސް ހައްދެއްނެތި ކުއްލިއަކަށް އިތުރުވެގެން ދާ ދިއުމަށް ކިޔާ ނަމެކެވެ.
މި ފަދަ އަލްގަލް ބްލޫމްތައް ފެތުރޭ ސަރަހައްދުތަކަށް މޫދަށް އެރުމާއި، ގޮނޑުދޮށްތައް ބޭނުން ކުރުމަކީ އެފަދަ ދުވަސްވަރެއްގައި ކުރުން ރަނގަޅު ކަމެއްނޫނެވެ. އަދި މަރުވެގެން ލަގުވާ ކަނޑުގެ ދިރުންތަކުގެ ސަބަބުން ރޯގާ ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ އޮންނަ ކަމެއްވެސް މެއެވެ.
އަޅުގަނޑުމެން ގެ މި ޖަޒިރާ ރަށްތަކުގައި ދިރިއުޅުމަށް ލިބިފައި މިވާ ރަނުގެ ފުރުޞަތުގައި އަޅުގަނޑުމެންނަށް ލިބފައިވާ މިވާ ގުދުރަތީ ނިޢުމަތްތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރު ކޮށްދިނުމަކި ކުރެވެން އޮތް އެންމެ ބޮޑަކަށް ކުރަން ޖެހިފައިވާ ކަމެއް ކަމުގައި  ދެކެމެވެ. ނޫންނަމަ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންނީވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އަންނަ ފަދައިން ގޮނޑުދޮށާއި މޫދު ގެ ޒަރީއާއިން ހިތްހަމަ ޖެހުން ހޯދުމަށް ފަތުރުވެރިންގެ ގޮތުގައި އެތައް މިތަނަށް ދާންޖެހޭ ބަޔަކަށް ވެގެން ހިނގައިދާނެއެވެ.