
މަދިރިއަކީ ކޮބައިތޯ އެވެ؟ ދިވެހީންނަށް މަދިރިއަކީ މުޅިން އައު ލަފުޒެއް ނޫނެވެ. އެންމެ ތުއްތު ކުއްޖާ އިން ފެށިގެން ދުވަސްވީ މީހާއަށް ވެސް މަދިރި އަކީ ކޮބައިކަން އެނގެ އެވެ. އަދި ހަމަ މި މަދިރި އަކީ ދިވެހީންގެ ދިރިއުޅުމާއި އާދަކާދަ އާއި ތާރީހާއި ވެސް ގުޅިފައިވާ އެއްޗެކެވެ. ބައެއް ރަށް ރަށަށް "މަދިރި" މި ލަފުޒު އެކުލެވޭ ގޮތަށް ނަން ކިޔާފައިވުމީ މިކަމުގެ ހެއްކެއްކަމުގައި ފުދޭނެއެވެ. އަދި އިހުއެވޭލާ ޒަމާނުއްސުރެ މަދިރިން ރައްކާތެރިވުމަށް ދިވެހިން ކުރަމުން ގެންގޮސްފައިވާ އެތައް ކަމެއްގެ ވާހަކަ އަޑު އިވިފައިވުމުގެ އިތުރުން ބައެއް ކަންތައްތައް ދެކެ ފެނި ތަޖުރިބާ ކުރެވިފައިވެސް ވެއެވެ.
މެލޭރިއާއި ފައިލޭރިއާ އަކީ މި ޒަމާނުގައި ދިވެހިރާއްޖެއިން އާއްމުކޮށް ފެންނަ ބަލިމަޑުކަމަށް ނުވިނަމަވެސް މީގެ ބައި ޣަރުނު ކުރިން ރާއްޖޭގައި އާއްމު ބަލިތަކެކެވެ. މި ދެ ވަބާ އަކީ މަދިރީގެ ދެބާވަތެއް ގެ ޒަރީއާއިން ޖެހޭ ދެ ވަބާ އެވެ.
ޒަމާން ބަދަލުވެ ކުރިއެރުންތަ މިދަނީ އަންނަމުން ނެވެ. ހަމަ މިއާއި އެކު އެކީގައި މަދިރީގެ ޒަރީއާއިން ޖެހޭ ރޯގާ ބަލިމަޑުކަން ވެސް ދަނީ ބަދަލުވަމުން ނެވެ. މި ގޮތުން މި ފަހުގެ އަހަރުތަކުގައި، ފަތު އަދުކިޔާފައި އިވެމުންދާ، އެއް ވަބާ އަކީ ޑެންގީ ހުމުގެ އަޑެވެ. އަދި ޗިކުންގުންޔާ އަކީވެސް ދެހާހުގެ ފަހުކޮޅުގެ އަހަރުތަކުގައި ދިވެހިން ގެ ތެރެއިން ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާ މަދިރީގެ ޒަރީއާއިން ފެތުރުނު ރޯގާ ބަލިމަޑު ކަމެކެވެ.
މި ކުޑަ މަޚްލުގަކީ އުދުހޭ ކުޑަ ސުއިޕެއް ނަމަވެސް މި ސޮރު މަސްހޫރު ވެފައިވަނީ "ހަފާ" އެއްޗެއްގެ ގޮތުގައެވެ. މަދިރި އަކީ ހަފާ އެއްޗެއްކަމާއި، މަދިރި ހެފުމަކީ ނުރައްކާތަކެއް އެކުލެވިގެން ވާ ކަމެއްކަން. އަދި މަދިރިއަކީ އަހަރުމެންގެ ދިރިތިބުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް މާއްދާ ކަމުގައިވާ ފެނާއި ގުޅިފައިވާ އެއްޗެކަމެވެ. މަދިރީގެ ހަޔާތުގެ މުޚިންމު މަރުހަލާތައް ކަޑަތު ކުރަނީ ފެނުގައި ކަންވެސް ނުސީދާ ގޮތެއްގައި ގިނަ ބަޔަކަށް އެނގެއެވެ.
މަދިރީގެ ސަބަބުން އަހަރަކު އެތައް ބަޔަކަށް ކުރިމަތިލާން ޖެހޭ ހިތްދަތިކަމާއި ލިބޭ ކެކުޅުމާއި ވޭންތައް ދަނީ އިތުރުވަމުންނެވެ. މިދުނިޔެއާއި ވަކިދާ ކުދިންނާއި މީހުން ނިސްބަތުން މަދެއް ނޫނެވެ. ޞިއްޙަތަށް ނުރަނގަޅު ޢަޞަރުތައް ކުރިމަތި ކުރުވައެވެ. ޑެންގީ ހުމުގެ ރޯގާ އެއް ފެށިގެން ކުރިއަށް ދާ ނަމަ މުޖުތަމަޢު އިންޖީނު ގެ މަސައްކަތްތައް ހުއްޓުމަށް ގެނުވައެވެ. ސްކޫލް މަދަރުސާތަކާއި އާއްމު ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާތައް ކުޑަކަކޫ މައްޗަށް ތިރިކޮށްލައެވެ.
މިހާ ހިސާބުން ދެން ބަލާލާނީ މި ފަދަ ހާލަތްތަކާއި ގުޅިގެން ކަން ކުރެވޭ ގޮތާއި އެއިން ނިކުންނަ ނަތީޖާއާއި މެދެވެ. މި ދެންނެވި ހުރިހާ ސަބަބެއް ހުއްޓުމެއް ނެތި އެނބުރެމުން ދާއިރު ފެންނަ މަންޒަރަކީ ކަމެއް ދަމެއް ބޮޑުވާ ހިނދު ކޮންމެވެސް ޒާތެއްގެ ސޫފާސޫފި ނެތިކޮށްލުމަށް ގެންގުޅޭ ވިހައެއް ރަށު ތެރެއަށް ބުރުވާ މަންޒަރެވެ. ޒާތް ޒާތުގެ ވިހަތައް ދުންބަޑިއަކުން ބުރުވުމެވެ. މީގެ އިތުރުން ރައްޔިތުން ފޫގަޅައި ގެން ނިކުމެ ހިންގާ ގޯތިގެދޮރާއި ރަށު ތެރެ ސާފު ކުރުމާއި، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ކުރާ މަސައްކަތް ތަކެވެ.
މިހެން މި ދަނޑިވަޅުތަކުގައި ކުރެވޭ މަސައްކަތުން ކާމިޔާބީތަކެއް ނުލިބޭނަމަ މިއަދު މިހެން ފަސޭހަ ހާލުގައި ތިބުމީ ނާދިރު ކަމެއްކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސ އެންމެ އެދޭ ޙައްލެއް އަދި މި ތިބެނީ ނުލިބިއެވެ.
ދުނިޔެއިން މެލޭރިއާ ނައްތާލުމަށް 60 އަހަރުތަކުގައި ހިންގުނު ޕްރޮގްރާމް ގައި ކުރެވުނު މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން މެލޭރިއަށް ފަތުރާ "އެނޮފީލިސް" މަދިރި ވަނީ ދިވެހިރާއްޖެ އިން ނައްތާލާފައެވެ. އަދި ހަމަ އެހެންމެ ފައިލޭރިއާ އަކީވެސް މިއަދު މި ރާއްޖޭގައި މާ ގިނަ ގިނަ އިން ފެންނަ ބައްޔެއްކަމަށް ނުވެއެވެ.
މިއަދަކީ މަޢުލޫމާތާއި ވަޞީލަތްތައް ފަސޭހައިން ލިބޭނެ މަގުތަށް ހުޅުވި އަލިވެފައިވާ ދުވަސްވަރެކެވެ. ތަފާތު "ރުޅި"، "ބުޅި" ކެމްޕެއިން ތަކާއި ހޭލިމޭލިވުންތައް އެކި ފެންވަރުގައި ދަނީ ހިންގަމުންނެވެ. ނަމަވެސް އަހަރުން އަހަރަށް ކަމުގެ ބުރަ ދަނީ ބޮޑުވަމުން ވަށަމިން ދަނީ އަތް ނުފޯރާހާ ދިގުވަމުންނެވެ.
ޢިލްމީ ގޮތުން ރާއްޖޭ އެތައް ހަރުފަތެއް ކުރިއަށް ޖެހިފައިވާ ދުވަސް ވަރެކެވެ. އަދި ހަމަ އެހެންމެ ސޫފާސޫފީގެ ޒަރީއާއިން ފެތުރޭ ވަބާތަކާއި ބަލިމަދު ކަމުން ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ދަޢުލަތުގެ މުއައްސާތައް ވެސް ހުރިލެއް މަދެއް ނޫނެވެ.
އެހެން ނަމަވެސް މިހާތަނަށް ތަފްޞީލީ ނަޒަރަކުން މަދިރި އާއި ބެހޭ ގޮތުން އެކުލަވާލެވިފައިވާ ދިރާސި ލިޔުމެއް މި ދިވެހި ރާއްޖެއަކުން ނުދެކެމެވެ.
މިއީ މިކަން މިއަދު އޮންނާންވީ ގޮތްބާވައޭ ހިތަށް އަރައެވެ. އިޖްތިމާއި ކަންކަމާއި އަދިވެސ މިނޫނަސް އެތައް ކަމެއްގައި ތަފާތު އެތައް ގިނަ މަސައްކަތްތަކެއް ކުރެވޭ މި ފަދަ ދުވަސް ވަރެއްގައި ދުވަހުން ދުވަހަށް، އަހަރުން އަހަރަށް ބޮޑު ވަމުން މިދާ މަދިރީގެ މައްސަލައާއި މެދު ފުން ނަޒަރަކުން ވިސްނަން އެ ބަޖެހެވެ.
ޒަމާނުގެ ތަޢުލީމުގެ ބޭނުމަކަށް ވާންޖެހޭނީ އިންސާނުން ކުރިއަރައި ދިއުމެވެ. އެއީ ބައްޔެއް ފަތުރާ ޒަރީއާއެއް ކަމުގައި ވީ ނަމަވެސް އެވެ. އެ އެއްޗަކާއި ބެހޭ ދިރާސާތައް ކުރަންޖެހެ އެވެ. ވަކިން ޚާއްޞަކޮށް މިއަދު ދުނިޔޭގެ މޫސުމަށް އަންނަމުން މިދާ ބަދަލުތަކާއި އެކު މި ފަދަ ދިރުންތަކަށް އަންނަ ބަދަލުތައް ދެނެގަންނަށް އެބަ ޖެހެއެވެ. މި ފަދަ ދިރާސާއަކީ ދުންބަޑިއަކުން ރަށު ތެރެއަށް ބުރުވާލެވޭ ޑީސަލް ދުމަށް ނުވާނެކަން ޔަޤީނެވެ. ނުވަތަ ހިއްކާލެވޭ ކުޅި ކަނޑޫފާ އަދި ނައްތާލެވޭ ޗަސް ބިމަކަށްވެސް ނުވާނެއެވެ.
އިންސާނުންގެ ދިރިއުޅުމަކީ ދުވަހެއް ދުވަހަކަށް ބަދަލުވެ ތަފާތު އެތައް ކުރިއެރުންތަކެއް ލިބެމުން ދަ ކަމެކެވެ. ނަމަވެސް މި ކުރިއެރުންތަކާއި އެއްވަރަށް އިންސާނުން ދިރިތިބުމަށް ހުރަސް އަޅާފަދަ ކަމެއް ހުރިނަމަ އެއީ ކޮން ކޮން ކަންތައްތަކެއްތޯ ހޯދާބަލައި ދެނެގަނެ އެ ކަންކަމުން އަރައިގަންނަށް ކުރަންޖެހޭ އެންމެހައި ކަންކަން ކެރި ފޯރުންތެރިކަން ހުރިވަރަކުން ކުރުމަކީ ދިރިތިބީންގެ މައްޗަށް ލާޒިމް ކަންކަމެވެ. ވަކިން ޚާއްޞަ ކޮށް ޤައުމީ ފެންވަރުގައި ކަންކުރަން ޒިންމާނަގަން ޖެހޭ ފަރާތްތަކުގެ މަސްޢޫލިއްޔަތެއްވެސްމެއެވެ.
ހަފަނީ މަދިރި ކަން އެނގޭ ފަދައިން، ހެފި މަދރިއަކީ ކޮބައިކަން ދެނެގަނެވޭނެ ގޮތެއްވާންޖެހެއެވެ. މި ލިޔުމުގެ މި ބައި މި ނިންމާލަނީ ދެންލިޔާ ބައިގައި މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި މަދިރިއާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކައި ޢިލްމީ ހޯދުންތަކުގެ މައްޗަށް އަލިއަޅުވާލުމަށް މާތް ﷲ މިންވަރު ކުރައްވާނެ ކަމުގެ އުއްމީދުގައެވެ.