މިއަދަކީ މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހެވެ. އާދެ ހުކުރު ދުވަހެކެވެ. ބޮޑު ތިލަދުންމަތީ އުތީމަށް ވިއްސާރަ ދުވަހެއްމެއެވެ. ދުވަހުގެ އިރުއޮއްސި ރަތްވިލާ އޮބުނުތަނާހެން ލިބުނު ޚަބަރަކީ ވަރަށް ވެސް ފުން އިޚްޞާސްތަކެއް ކުރެވުނު ޚަބަރެކެވެ.
ރާއްޖޭގެ ވެރިރަށް ފުރަމާލޭގެ، ހެންވޭރު، އަބަދަށްފެހި މަގުގައި ނުރައްކާތެރި އަލިފާނުގެ ޚާދިޞާއެއް ހިނގައިގެން އުޅޭކަމުގެ ޚަބަރެވެ. ޚަބަރުފަތުރާ ވަޞީލަތްތަކާއި މީސްމީޑިއާގެ އެހީތެރިކަމާއި އެކުގައި މަންޒަރުތައް ވަގުތުން ފެންނަމުން ދެއެވެ.
އަލިފާނަކީ ސަމާސާ އެއްޗެއްނޫނެވެ. މި ކާއިނާތުގައި ލައްވާފައިވާ އެތައް ގިނަ ތަކެތީގެ ތެރެއިން އެންމެ ނުރައްކާތެރި އެކައްޗެވެ. ދީނުގައި އަންގަވާފައިވާ ގޮތާއި ޚިލާފުވާ މަޚްލޫގުންގެ އުޚްރަވީ ގޯއްޗަކީވެސް އަލީފާނުން ފަރުމާކުރެވިފައިވާ ތަނެއްކަމުގައި ވެއެވެ. ނަމަވެސް އެއީ މުޅިން އެހެން މަޢުލޫއެކެވެ.
މިރޭ ހިނގާ މިދިޔަ އަލިފާނުގެ ޚަދިޞާގައި މި ދުނިޔެ ދޫކޮށް ލޮބުވެތި އިންސާނަކުވަނީ އަޅުގަނޑުމެންނާއި ވަކިވެގޮސްފައެވެ. މާތް ﷲ އެ ފުރާނައަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާށިއެވެ. މި ހިނގާދިޔަ އަލިފާނުގެ ޚާދިޞާގައި ލިބުނު ގެއްލުމުގެ އަންދާޒާއެއް މިވަގުތު ކުރުމަކީ ފަސޭހަކަމެއް ކަމަކަށް ނުވާނެއެވެ. ލިބުނު މާއްދީ ގެއްލުމުގެ އިތުރުން ނަފުސާނީގޮތުން ފަރުދުންނަށް ކުރިމަތިވާނެ އެތައް ކަމެއް ހުންނާނެއެވެ. މި ލިޔުމަކީ އެކަމުގެ އެއް ހެއްކެވެ. ދަންދެބައިވެ މުނާޖާގެ ވަގުތުގައި ނިދިފިލައިގޮސް މި އިނދެވެނީ އެހެންވެއެވެ.
މިރޭ މިހިނގި ޚާދިޞާއަކީ ކަންހިނގަންމެދުވެރިވި ސަބަބު ހޯދުމަށް، ޚާދިޞާގެ އެންމެފުނަށް ފީނާއި، އަތްފުނާ އަޅައިގެން ނަމަވެސް ކޮންމެހެން ހޯދުން މަޖުބޫރު ކަމެއްކަމުގައި ދެކެމެވެ. ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ކަމެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. އިއްޔެ ކަންކުރި ގޮތަށް މިއަދު ކަންކޮށްފިނަމަ ކުރިމަގުދާނީ ބަނަވެ އަނދިރިން ކަނުއަނދިރީގެތެރެއަށެވެ. މި ފަދަ ކޮންމެ ޚާދިޞާއަކާއި ގުޅިގެން މީހެއްގެ ފުރާނަ ނެތިގޮސްފިނަމަ ފާޑެއްގެ ހަކާނުވާ ޒާތުގެ ވާހަކަތަކެއް އިވެމުންދެއެވެ. މަރުވެދިޔާ މީހުންނީ ޝަޙީދުންނޭ ބުނެ އިއްވާ ފަތުވާ ތަކާއި އެކުގައި ކަންހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރެވޭ މަސައްކަތަށް ފަސްއެޅިގެންދާތަން މެދުވެރިއެވެ. މާތް ﷲ އީ އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. ކަންހިނގާ ދިޔަގޮތަށްބަލާއިރު ސުވާލު އުފެދޭ އެތައްކަމެއް އެބަހުއްޓެވެ.
ފޮޓޯ: މީސްމީޑިއާ
ހެންވޭރު ބޮޑުހުޅު
20.9.19
Tags